ދާދި މިދާކަށް ދުވަހު ޑރ. ހަސަން ސައީދު ވިދާޅުވެފައިވަނީ މައުމޫނު ދެން ވެރިކަމަށް ވަޑައިގަންފިނަމަ ޤައުމު ހިންގަން ހަވާލުކުރާނީ ޔާމީނާކަމަށެވެ. އެގޮތަށް ޑީއާރޕީ އާއި ޕީއޭ އާ ދެމެދު އެގްރިމަންޓް ކުރެވިފައިވާ ކަމުގައި ވިދާޅުވިއެވެ. މިއީ އަޅުގަޑުމެން ވަރަށް ބޮޑަށް ވިސްނާލަންޖެހޭ ކަމެކެވެ. ޕީއޭ ގައި އިސްކޮށް ތިއްބެވި މީހުންނަށް ވިސްނާ ބައްލަވާށެވެ. ޔާމިނުގެ މާބޮޑު ތަޢާރަފެއް ބޭނުންވާނެހެނެއް ނުވެއެވެ.
ޔާމިން އެސްޓީއޯ އަދި ސްޓެލްކޯ ބަލަހައްޓަމުން ގެންދެވި ދުވަސްވަރު މިދެތަނުން އެތައްކަމެއް ނަހަމަ ގޮތުގައި ކޮށްފައިވެއެވެ. ކުރީގެ އެސްޓިއޯ މެނޭޖިންގް ޑިރެކްޓަރ މަނިކަށް އަދި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޝުކޫރަށް ކުރެވޭނެ މާބޮޑުކަމެއް ނޯވެއެވެ. ޔާމީނަކީ ޗެއަރމަން ކަމުގައި ވުމުން މި ދެމީހުން ތިބެނީ ވަޒީފާގެ ބިރަށް އަނގަ ބަންދުކޮށްގެންނެވެ. މި ދެމީހުންނަކީ ކުންފުނި ހިންގަވަމުން ނާޒާއިޒް ފައިދާ ނަންގަވާ ދެ މީހުންނެވެ. ކަންމިހެން ހުރުމުން ޔާމީނު ކަމެއް ނިންމެވުން އެއީ ކިތަންމެ ނުރަގަޅު ކަމެއް ކަމުގައިވިޔަސް އެއްޗެއް ބުނާކަށް ބޭނުމެއް ނުވެއެވެ. މީގެ ކުޑަ މިސާލެއްގެ ގޮތުން އެސްޓީއޯގެ ސައިފަތް ދަނޑާ ސްޓެލްކޯގެ ހެވީ ފިޔުލް ޕްރޮޖެކްޓް ހިމެނެއެވެ. ސައިފަތް ދަޑަށް ވީގޮތް އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުން އެއޮތީ ފެންނާށެވެ. ސްޓެލްކޯގެ ހެވީފިޔުލް ޕްރޮޖެކްޓުގެ ކަންތައް ދިޔަގޮތް އަޅުގަޑުމެންނަށް އެގޭނީ އޮޑިޓަރ ޖެނެރަލްގެ ރިޕޯޓް ނިކުތުމުންނެވެ. ޔާމީނު ކައިރި އެންމެ އަރިސްކޮށް މަސައްކަތް ކުރައްވާ މީހުންގެ ތެރޭގައި މީމުމެންބަރ އަހުމަދު ނާޒިމް ހިމެނެއެވެ. މީނާއަކީ ކާކުކަން މި ޤައުމުގެ ގިނަބަޔަކަށް އެގޭނެއެވެ. މީނާ ސްޓެލްކޯގައި ހުރެގެން ކުރި ވައްކަމުގެ ވާހަކަތައް ރަގަޅުވާނީ ނުދެއްކިއްޔާއެވެ. ސްޓެލްކޯގައި ހެޑް އޮފީސް އިމާރާތް އައިމާ ކޮންސްޓްރަކްޝަން ކަޓުވާލުމަށްފަހު އަމީން ކޮންސްޓްރަކްޝަނަށް ހަވާލުކުރެވުނުގޮތާ، މިކަންކުރުމަށް އަމީން ކޮންސްޓްރަކްޝަނުން ނެގި ފައިސާއާ، 50 މިލިއަން ބަޖެޓް ކަޑައެޅިފައިވާ އިމާރާތަށް 80 މިލިއަން ހޭދަކުރެވުނު ގޮތާ، އިމާރާތް މުއްދަތަށް ނުނިމުމުން އަމީން ކޮންސްޓްރަކްޝަން ދެއްކި ހުއްޖަތާ، ޖޫރިމާނާ ކުރެވުނު ގޮތާ، އިމާރާތުގެ އިންޓީރިއަރ ފުރިހަމަ ކުރުމަށް އަހުމަދު ނާޒިމަށް ހަވާލުކުރެވުނުގޮތާ، އެތައް ބައިވަރު ސަޕްލައިޔަރުންގެ އަތުން ނެގުނު ފައިސާއާ، އިންޖީނުގެއަށް ގަތް ދޯނީގެ ކަންތައް ހިގިގޮތާ، ހަކުރާހުރާ ރިސޯޓް އަބްދުއްލޯ ހަމީދުގެ ނުފޫޒުން ހޯދުނުގޮތާ، ވަގުނޫޓު މޯލްޑިވްސް ބޭންކު ތެރެޔަށް ވެއްދިގޮތާ، ބޭންކަށް ފައިސާ ވެއްދުމަށް ސިފައިންގެ މީހެއްގެ އަނބީމާހާޔާ އޮތްގުޅުމާ، މާލޭގައި ކޮށްފައިވާ އެތަކެއް އިމާރާތާ، ބޭރުގައުމު ތަކުގެ ބޭންކުގައި ރައްކާކުރެވިފައިވާ ފައިސާއާ، ގަނެފައިވާ ގެދޮރުތަކާ މިހެންގޮސް އެތަށްކަމެއްގެ ވާހަކަ ލިޔެވިދާނެއެވެ. މިފަދަ މީހަކު ރައްޔިތުންގެ މަޖްލިސްގައި އިންނަކަމީ ދެރަ ކަމެކެވެ. އަދި މާލިއްޔަތު ކޮމެޓީގެ މުގައްރިރު ކަމުގައި ހުރުމަކީ އަޅުގަޑުމެން އެންމެން ލަދު ގަންނަންޖެހޭ ކަމެކެވެ. ކުރެވޭނެ ކަމެއް މިއަދަކު ނެތެވެ. އެތަކެއް ފައިސާއެއް ބަހައިގެން މަޖްލިސްގެ ގޮޑީގައި އެއިންނަވަނީ މިކަންތައްތަކުން ރެކިވަޑައިގެންނެވުމުގެ ނިޔަތުގައެވެ.
ޔާމީނުގެ ގާތް މީހެއްގެ ގޮތުގައި ފާހަގަ ކުރެވޭ ފިޔުލް ސްޕަލައިގެ މެނޭޖިންގް ޑިރެކްޓަރު ޒަމީރުގެ ވާހަކަވެސް ލިޔެލުމަކީ މިވަގުތަށް ބޭނުންކަމެކެވެ. މިކުންފުނި އެސްޓީއޯއާ އެކު ޖޮއިންޓް ވެންޗަރ ހެދިފައިވަނީ ސިއްރުވެރި ޑީލެއްގެ ދަށުންނެވެ. ސިންގަޕޫރުގައި އޮންނަ ޒަމީރުގެ ބޭންކް އެކައުންޓުން ޔާމީނުގެ އެކައުންޓަށް ޓްރާންސްފަރ ކުރެވެމުންދާ ފައިސާ އެއީ ކިހިނެއްވެގެން ޓްރާންސްފަރ ކުރެވޭ އެއްޗެއްކަން ދިވެހި ރައްޔިތުންނަށް ބުނެދޭން ޖެހެއެވެ.
ދެން މިބަލާލަން ޖެހެނީ ޔާމީނާ އަދި ނާޒިމާ ގާތްގުޅުމެއް އޮންނަ ރާއްޖޭން ފަގީރުކަން ނައްތާލަން ރަޖިސްޓްރީ ކުރެވުނު ޕާޓިގެ ލީޑަރު އޭދަފުށީ ސަލީމް ނުވަތަ ރެޑްވޭވް ސަލީމަކީ ކާކުތޯއެވެ. އަށްޑިހައިގެ އަހަރުގެ ފަހުކޮޅު ފެހުމުގެ މަސައްކަތް ކުރަމުން އައި މި ސަލީމަށް މުއްސަދިކަން ލިބުނުގޮތާ މެދު ހައިރާން ވާން ޖެހެއެވެ. މީނާގެ ހަގީގަތް އެންމެ ރަގަޅަށް އެގޭނީ އެޓޯލްސް މިނިސްޓްރީގައި އުޅޭމީހުންނަށެވެ. އެޓޯލްސް މިނިސްޓްރީން ރާއްޖެތެރޭގެ ރަށްތަކަށް ކަޑައަޅާފައިވާ ބަޖެތަށް މީނަހެދިގޮތް ވަރަށް ރަގަޅަށް އެގޭ އެތައް ބަޔަކު އެބަ ތިއްބެވެ. އަބްދުއްލޯ ހަމީދާ ގާތްގުޅުމެއް އޮންނާތީވެ މީނަޔަށް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. ސަލީމާ، ނާޒިމާ ގުޅިގެން އެތަކެއް ވައްކަމެއް އެޓޯލްސް ތެރެއިން ކޮށްފައިވެއެވެ. ރަށްރަށަށް ބޮޑު އަގުގައި ޖަނަރޭޓަރާ، ބައްތި ދަނޑިތައް ވިއްކާފައިވެއެވެ. އަދި ހަމަ އެހެންމެ ތޮށިލުމަށޭ ކިޔާ އެތައްހާސް ގޯންޏެއްވެސް ބޮޑުއަގުގައި ވިއްކާފައިވެއެވެ. މީގެ އިތުރުންވެސް އެހެނިހެން ބޮޑެތި ވައްކަންތައް އެޓޯލްސް މިނިސްޓްރީ ތެރެއިން ކޮށްފައިވެއެވެ. މީނާޔަށް ވިލިގިޅިން ގޯތި ލިބުނުގޮތާ، އެތަނުގައި އިމާރާތް ހެދުނުގޮތާ، މާލޭން މިގެ ބަދަލުކުރުމަށް ހ. ފަށަނޭ ކިޔާ ގޯތި ގަންނަން ފައިސާ ހޯދުނުގޮތާ، އެތަނުގައި އިމާރާތް ހެދުނުގޮތާ، ރެޑްވޭވް ފިހާރަތައް ހުޅުވުނުގޮތާ، މާލޭގެ އެތަން މިތަނުން ދިގުމުއްދަތަށް ހަދަން ނަގާފައިވާ ބިންތަކާ، އެތަންތަން ހެދެމުންދާގޮތާ، ވިޔު ބިލްޑާސް ކޮންސްޓްރަކްޝަނުން ހިއްސާގަތް މަގުސަދާ، ރާއްޖޭންބޭރުގެ ބޭންކޮތަކުގައި ހުރިފައިސާ ލިބުނުގޮތާ، ރާއްޖޭން ބޭރުގައި އިމާރާތް ގަނެވިފައިވާ ގޮތްތަކާ، ކަރަޕްޝަން ކަންތައް ފަރާ އެރުމުން ބޯގޮވައިގެން ސިންގަޕޫރަށްގޮސް ސައިކައިޓަރިސްޓަކަށް ދެއްކުމާ، އެބުރި ރާއްޖެއައީ އަބްދުއްލޯހަމީދު ކަރަޕްސަންބޯޑުން ސުވާލުކުރުމުން ތިމަންނާގެ ނަންބުނާށޭ ބުނުމުންކަމާ، ސިޔާސީ ޕާޓީ ރަޖިސްޓްރީ ކުރަން ހުށަހެޅީ ހަމީދު އާއި ނާޒިމް ބުނެގެންކަމާ، ބޭނުމީ ކުރިވައްކަންތައް ފޮރުވުން ކަމުގައި ދިވެހި ހުރިހާ ރައްޔިތުންނަށް އެގެއެވެ. ފަގީރުކަން ނައްތާލާ ޕާޓީޔޭ ބުނަން ލަދުނުގަންނަކަމާއެވެ!.
ސަރުކާރާ ބައިއަތު ހިފައިގެން މިއަދުތިބުމުން ކަލޭމެނަށް ކަމެއް ނުކުރެވުނު ކަމުގައިވިޔަސް އިންސާފުގެ ކުރިމައްޗަށް ކަލޭމެން ގެނެވޭނެކަން ހަދާން ކުރާށެވެ. ރައްޔިތުންނޭވެ! މިވެރިންގެ އަތަށް ޤައުމުގެ ހުންގާނު ދީފިނަމަ ވާނޭ ގޮތް ތިޔަބޭފުޅުން އަމިއްލަފުޅަށް ވިސްނާލައްވާށެވެ. ޑރ. ހަސަން ސައީދުގެ ނަސޭހަތް އަޑުއެއްސެވުން ނޫން ގޮތެއް ނެތެވެ.
ނޯޓް: މިލިޔުމަކީ ރާއްޖެ ލައިވްގެ ކިޔުންތެރިޔަކު ފޮނުވާފައިވާލިޔުމެކެވެ!
It can be true, but who will listen? Who will believe? They are too scared to act..